އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫއުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެ މަސައްކަތްތައް އަލުން ފެއްޓޭނޭ ގޮތްތަކެއް ހޯދުމަށް ކަމާބެހޭ މިނިސްޓްރީން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ. އެހެންކަމުން، މިހާރު މިކަމުގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުއްވައި، އެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފީވަކުގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދު ބޭނުންކުރުމުގައި ހުރި ދަތިތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން އެ ރަށުގައި ސްކޫލް މަޝްރޫއާއި، މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫއު ކުރިއަށްގެންދާއިރު، ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސް އަޅައި، ބޭނުންކުރެވޭނޭ މަގުފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނޭކަމުގެ ޔަގީީންކަން ދެއްވާފަ އެވެ.
2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު، ރައީސް، ފީވަކު ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެދިވަޑައިގަތް ގިނަ ކަންތައްތަކެއްގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ އެ ރަށުގައި ފައްޓާފައެވެ. މިއަދު އެ ރަށުގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތްވެސް ފައްޓާފައެވެ. ފީވަކު ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރެއްވުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވަވާފައެވެ.