ކަނޑިތީމު ސިއްހީ މަރުކަޒު ތަރައްގީކުރާނީ 20 އެނދުގެ ޖާގައާއެކު، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒުގެ ސްކޯޕްފުޅާ ކުރުމާއެކު، ސަރަޙައްދީ ވިސްނުންފުޅެއްގައި ކަނޑިތީމުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ހަގީގަތަކަށް ހެދުމަށް، އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ކަނޑިތީމު ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެ މަތީން، މި ދަތުރުފުޅުގައި ހިމެނިގެން ކަނޑިތީމުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މިއަދުގެ ޖަލްސާގައި ރައީސް ވަނީ، ބީއެމްއެލް ކަނޑިތީމު ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ނިމޭނޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ކަނޑިތީމާއި އަދި އެހެން ރަށްރަށުގައިވެސް ހިއްކާފައިވާ ސަރަޙައްދުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުއެވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރެއްވުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.