ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުވެސް އެފުރުޞަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ. މިކަމަށް ހާއްސަކޮށްގެން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުންނެވެ.
ސަރުކާރުގެ ހަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ. ފަގީރުންގެ ލިސްޓުގައި މިވަގުތު ހައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވައުދުގެ ދަށުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ހައްޖު މޫސުމުގައިވެސް 50 ފަގީރުން ހައްޖަށް ފޮނުވި އެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަގީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސް އިއުލާނުކުރެއްވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ވައުދުގެ ދަށުން މިހާތަނަށް 100 ފަގީރުން ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.