މިދިޔަ ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނުކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެންބަރު މަހުގެ 28 އިން އޮކްޓޫބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
މި މުއްދަތުގައި ހުށައެޅި މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށައަޅާފައިވަނީ އިކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މިފަދަ 19 މައްސަލައެއް ހުށައަޅާފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަތަކެވެ. ކަރަންސީ އެކްސްޗޭންޖުގެ ހަ މައްސަލައެއް ހުށައަޅާފައި ވެއެވެ. އަދި ޝަހްސު އޮޅުވާލައިގެން ފައިސާ ހޯދި ހަތް މައްސަލައަކާއި ޖޮބް ސްކޭމްގެ ހަ މައްސަލައެއް ވަނީ ހުށައަޅާފަ އެވެ.
ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ މަންސަތައް، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކޮށް އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުން މުހިންމެވެ. ސްކޭމްގެ ކަމެއް ކުރިމަތިވެއްޖެނަމަ މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.