އދ. މަންދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަޝްރޫއުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ތުރުފުޅުގައި އެންމެ ފަހު ރަށް ކަމަށްވާ މަންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. ރަށު ކައުންސިލާއި، ރައްޔިތުންނާއެކު މިއަދު، މަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، މަންދޫ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވަނީ މަންދޫ ސްކޫލްގެ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. ރައީސް ވިދާޅުވީ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ އަމަލީ މަސައްކަތް ނޮވެމްބަރު މަހު ފައްޓަވާ، 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމުމަށް ކަނޑައަޅުއްވަފައިވާ ކަމަށެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ހިޔާލުތަކަށް ރިއާޔަތްކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު މަންދުއަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރަށުގައި މިއަދު އަމަލީ މަސައްކަތް ފެށިގެންދިޔަ ހުރިހާ މަޝްރޫއުތައް ނިންމަވާ އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ރައީސްގެ މިދަތުރުފުޅުގެ ތެރެއިން މިއަދު މަންދޫގައި ވަނީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ ބިންގާ އަޅައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އަޅައި، ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައި ވެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމެއް ހުޅުއްވައިދެއްވާފައި ވެއެވެ.