އދ ކުނބުރުދޫ ސްކޫލުގައި ތިން ފަންގިފިލާގެ އައު އިމާރާތެއް ބިނާކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސް އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުނބުުރުދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން، 9500 އަކަފޫޓުގެ ސަރަހަށްދެއްގައި ތިން ފަންގިފިލާގެ އިމަރާތެއް ބިނާކުރާނެ އެވެ. މިއީ 22.63 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.
ކުނބުރުދޫ ސްކޫލް އިމާރާތުގެ އިތުރުން، އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ އަމަލީ މަސައކަތްވެސް ވަނީ ފަށާފަ އެވެ. މީގެއިތުރުން ކުނބުރދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަދި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވެއެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ.
ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. މި މަޝްރޫއުގެ ދަށުން އައު އިމާރާތާއެކު ގަރާޖަކާއި ވަށާފާރެއް ރޭނުމުގެ މަސައްކަތް ނިމެނެ އެވެ. މިއީ 8.17 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ހަވާލުކުރި، ކުނބުރދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަދި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސައުދީ އެވެ.
ކުނބުރދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 9.89 ހެކްޓަގެ ބިން ހިއްކުމާއި، 1616 މީޓަރުގެ ސަރަހަށްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 230 މީޓަރުގެ ސަރަހަށްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫއުއަކީ 169.11 މިލިއަން ރުފިޔާއަށް 480 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވަާލުކޮށްފައިވާ މަޝްރޫއުއެކެވެ.