އދ. ހަންޏާމީދޫއާ ކައިރީގައި އޮތް އުތުރުއަތަފަރަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހަންޏާމީދުއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ ހޯދަމުން އަންނަ، ރަށެއްކަން ފާހަގަކުރައްވާފައެވެ. މި ކަންކަމަށް ރިއާޔަތްކުރައްވައި، ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެރަށް ތަރައްގީކުރުމުގެ މަސައްކަތުގައިވެސް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީީންކަން ރައީސް ދެއްވިއެވެ.
ރައީސް ވަނީ އެރަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަލިކޮއެ ރަށް، ގެސްޓުން ގޮވައިގެން ގޮސް ބޭނުންކުރެވޭނެ ހާއްސަ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަންވެސް އިއުލާނުކުރައްވާފައެވެ. އެރަށް ދެން އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުސޫލެއްގެ ދަށުން ހަންޏާމީދޫއާއި އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް އެރަށް ބޭނުންކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ މަޝްރޫއުތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ރަށުގެ ގޮނޑުދޮށްހިމާޔަތް ކުރުމުގެ މަޝްރޫއާއި ދޯނި އެހެލާ ސަރަހައްދެއް ގއިމްކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ވަރަށް އަވަހަށް، އެއް މަޝްރޫއެއްގެ ގޮތުގައި ފެށިގެން ދާނެކަމަށް ވިދާޅުވި އެވެ.