އދ. ފެންފުށީ ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފެންފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިމަޝްރޫއުގެެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން ދޯނި އެހެލާ ސަރަހައްދަށް 1.4 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 398 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި 232 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖެހުމާއި 45 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ލުމަށް ހަމަޖެހުން ހިމެނެއެވެ. މީގެ އިތުރުން ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.9 މިލިޔަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި މަޝްރޫއުގެ އިތުރުން، ފެންފުށީ ވޮލީ ކޯޓު ތަރައްގީކޮށް، ދުވާ ޓްރެކެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި، ފެންފުށީ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.
އެގޮތުން، ވޮލީ ކޯޓު ތަރައްގީކޮށް، ދުވާ ޓްރެކެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ފެންފުށި ވޮލީ ކޯޓު މަޝްރޫއުގެ ދަށުން ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓު މަސައްކަތާއި ޓާފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުން ހިމެނެއެވެ. ފެންފުށި ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް އެޅުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.