ތިނަދޫ ސިޓީގައި، މަގު ހުރަސްކުރި ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ، ތިނަދޫ ސިޓީ، އާބާދީ ހިނގުމުން ހުޅަނގަށް އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުއްޖާގެ ގައިގައި ޖެހިގެންކަމަށެވެ. މި އެކްސިޑެންޓް ހިންގާފައިވަނީ އިއްޔެ އިރުއޮއްސި 18:16 ހާއިރު އެވެ.
މި އެކްސިޑެންޓްގައި، މަގުހުރަސްކުރި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ މީހެއްކަމަށެވެ. އޭނަ ވަނީ އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފަ އެެވެ.
މި މައްސަލައާއި ގުޅިގެން ސައިކަލު ދުއްވި 21 އަހަރުގެ ޒުވާނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެކްސިޑެންޓްވި ސައިކަލު ޓޯކޮށް، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.