ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފިއެވެ.
އެފެކްސްއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެއެވެ. ނަމަވެސް އެފެކްސްއާ އޮޕަރޭޝަންތަކަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މިއަދު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ވަނީ ނިންމައިފައެވެ. މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވާނެއެވެ. އެފެކްސްގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. މިފަހަރުގެ އެފެކްސް ހަރަކާތުގެ ޕާޓްނަރު އެއާލައިނަކީ ގަތަރު އެއާވޭސްކަން ފާހަނގަކޮށްލަނޖެއެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވެއެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވެފައިވެއެވެ.