ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, އޮޕަރޭޝަންތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެއްޓެވި މި މަސައްކަތުގެ ދަށުން، އެ ކުންފުނިން މިފަހުން ހަވާލުވި ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އިސް ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލްއިން މިއަދު ބުނެފިއެވެ. އެގޮތުން، އެ ކުންފުނީގެ އިސް ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައި މުވައްޒަފުންނާއި ބައްދަލުކޮށްފައެވެ.
އާރުއޭސީއެލް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހަވާލުވެފައެވެ. މިއީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އާރުއޭސީއެލްގެ ދަށުން ހިންގަމުން އައި އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުގެ އިތުރަށް އެތަންތަނުގެ ހުރިހާ މުވައްޒަފުންވެސް ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ކުރިން މޯލްޑިވިއަނުން ހިންގަމުން އައި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ގްރައުންޑް އޮޕަރޭޝަންތަކާވެސް އެ ކުންފުނިން ވަނީ ހަވާލުވެފައިކަން ފާހަނގަކޮށްލަން ޖެހެއެވެ.