ވީއައިއޭ ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެފެކްސް އަށް ތައްޔާރުވުމަށް މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ
މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން އެމްއޭސީއެލްއާ ގުޅިގެންނެވެ. 8 ސެޕްޓެމްބަރު 2025 ގައި ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. މި ތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް, ޓްރީ ޓޮޕް ހޮސްޕިޓަލް, އޭޑީކޭ, މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން 73 ބޭފުޅުން ބައިވެރިވެފައިވާކަން ފާހަނގަކޮށްލަން ޖެހެއެވެ
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެއެވެ