މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ
މިއީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ
ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު ސައިކަލް ޕާކްކުރުމަށްޓަކައި ފެރީ ޓާމިނަލް ކައިރީގައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ އެދިވަޑައިގެންފައެވެ
ފުލުހުން ވިދާޅުވީ ވިލިމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ ބެޓްރި ސައިކަލްތައް ޓޯވ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ފެރީ ޓާމިނަލް ކައިރީގައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދެެއްވުން ފުލުހުން ވަނީ އެދިވަޑައިގެންފައެވެ
ގިނަ ބަޔަކު ބޭނުންކުރާ މިފަދަ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކު ނުކުރެއްވުމަށް ފުލުހުން ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ، މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ދެކެވެއެވެ
ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުންވެސް ވަނީ ވިދާޅުވެފައެވެ
އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ