ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނީ އިގުތިސާދީ ތަރައްގީ ހޯދައިދިނުމުން ކަމަށެވެ. ގެދޮރުވެރިކަމާ ފުދުންތެރިކަން ލިބެންޖެހޭ ކަމަށާއި އެހެންކަމުން ކުރެންދޫއާ މާ ދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުށި އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ގަސްދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިރަށުގެ ދާއިމީ ތަރައްގީއަށްޓަކައި، ރަށުގެ ކުރިއެރުމަށްޓަކައި، އަޅުގަނޑު ގަސްދުކުރަނީ މިރަށާ މާ ދުރުނޫން ހިސާބެއްގަ އޮތް ޅޮސްއަލަފުއްޓަކީ މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ.” އެމަނިކުފާނު ވިދާޅުވިއެވެ.
ޅޮސްއަލަފުއްޓަކީ، ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުވާލުމާއި ގުޅިގެން އެކުންފުންޏަށް ބަދަލު ގޮތުގައި ދިން ރަށެކެވެ. މިދިޔަ ސަރުކާރުގައި އެ ރަށުގައި ލަގްޒަރީ ވިލާ އަޅަން އެ ރަށުން ބިމެއް ޓާޓާ ކުންފުންޏަށް ދިނުމަށް ވެސް މަސައްކަތް ކުރިއެވެ.