ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންޓަނޭޝަނަލް ސޭފްޓީ އެކްރެޑިޓޭޝަން ފޯ ގްރައުންޑް ހޭންޑްލިން އޮޕަރޭޝަންސް (އިސާގޯ) އަނެއްކާވެސް ކާމިޔާބުކަމާއެކު އާކޮށްފި އެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، މި އެކްރެޑިޓޭޝަން އަލުން ދިނުމަށް ނިންމީ މި ހިނގާ މަހުގެ 26 އިން 30 އަށް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ހާއްސަ އޮޑިޓަކަށް ފަހު އެވެ. މި ބަލައިލުމަށް ފަހު، އެ ކުންފުނިން ވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ ރަޖިސްޓްރޭޝަން އާކުރުމުގެ އިތުރުން ‘އެންހޭންސްޑް ގްރައުންޑް ސަޕޯޓް އިކުއިޕްމަންޓް’ (ޖީއެސްއީ) ރިކޮގްނިޝަން ވެސް ހާސިލުކޮށްފަ އެވެ.
އެމްއޭސީއެލް އިން ބުނީ މި ލިބުނު ރިކޮގްނިޝަންގެ މައިގަނޑު އަސާސަކީ، އެއާޕޯޓުގެ ރޭމްޕް ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތަކާއި އިކުއިޕްމަންޓްތަކުގެ ސަބަބުން ފްލައިޓްތަކަށް ލިބިދާނެ އެއްވެސް ގެއްލުމެއް ކުޑަކުރުމަށްޓަކައި އަޅާފައިވާ ވަރުގަދަ ސޭފްޓީ ފިޔަވަޅުތައް ކަމަށެވެ.
މި ބަދަލާއެކު، ވީއައިއޭ އިން ފޯރުކޮށްދޭ ގްރައުންޑް ހޭންޑްލިންގެ ހުރިހާ ހިދުމަތްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގެ އެންމެ މަތީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ހިދުމަތްތަކެއްކަން އަނެއްކާވެސް މިވަނީ ސާބިތުވެފަ އެވެ.