ނޫހެއްގައި ޝާއިއުކޮށްފައިވާ، ޕީ.އެން.ސީ.އަށް ސޮއިނުކުރެއްވުމުން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަހުމަދު ސަރީރު މަގާމުން ވަކިކުރެއްވި ކަމަށް ބުނާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން ބުނެފައިވަނީ، ސަފީރުން މަގާމަށް އައްޔަނުކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގެ ދަށުން، ވަކި އުސޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެއް ކަމަށެވެ. އެގޮތުން، ސަފީރުން ވަކިކުރުމުގެ ނިންމުންތައް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.
ސަރީރު ގެންދެވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެމްބެސެޑަރ އެޓް ލާރޖްގެ މަގާމުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ހާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއް އަދާކުރައްވަމުން ނެވެ.އާނާ ސަފީރެއްގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހެވެ.
އަދި ފޮރިން ސާރވިސްގެ މުވައްޒަފުންނަށް ފޮރިން ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ. އެހެންވެ ފޮރިން ސާރވިސްގެ މުވައްޒަފުން ގާނޫނާ ހިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން މަޖުބޫރެއް ނުކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.