ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި “ވޯލްޑް ޓްރެވަލް އެވޯޑްސް 2026” ގެ “ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026” އަދި “ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026” ގެ ކެޓަގަރީއިން ވީ.އައި.އޭ ނޮމިނޭޓްވެއްޖެއެެވެ.
މި ނޮމިނޭޝަންތަކާއެކު، “ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026” ކެޓަގަރީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއަރޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ޒިއުރިކް އެއަރޕޯޓް ފަދަ ޝަރަފުވެރި އަދި ބޮޑެތި އެއާޕޯޓްތަކާ ދެކޮޅަށް ވީ.އައި.އޭ ވާދަކުރާނެއެވެ.
މި ކެޓަގަރީއިން ޖުމްލަ 2 އެއަރޕޯޓެއް ވާދަކުރާނެއެވެ. އަދި “ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026” ކެޓަގަރީން ޖުމްލަ 12 އެއަރޕޯޓަކާއެކު ވީ.އައި.އޭއިން ވާދަކުރާނެއެވެ. މީގެ ތެރޭގައި ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއަރޕޯޓާއި، ސިޑްނީ އެއަރޕޯޓް އަދި އޯކްލޭންޑް އެއަރޕޯޓް ހިމެނެއެވެ.
އެހެން ކަމުން މި ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ކާމިޔާބު ހޯދައިދިނުމަށްޓަަކައި،ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް މި ވޯޓުގައި ބައިވެރިވެ ދެއްވުމަށް އެމް.އޭ.ސީ.އެލްއިން އެދިފައިވެއެވެ.
އެގޮތުން ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ޥޯޓިން ލިންކް:ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026 | ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.