އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސްގެ ދަފްތަރުން ޖުމްލަ 239 ފަރާތެއް އުނިކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުންނާއި، އެހެން މީހުން ބަލަހައްޓާ ކުދިންނަށް ދޭ އެހީގެ ޕްރޮގްރާމްގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސްގެ ދަފްތަރުން ވެސް ބައެއް ފަރާތްތައް ވަނީ އުނިކުރެވިފައެވެ.
މިގޮތުން، އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 84 ބެލެނިވެރިއަކާއި، ޖުމްލަ 154 ކުދިން އެކި ސަބަބުތަކާ ހުރެ އުނިވެފައިވެއެވެ. މިއީ ޖުމްލަ 239 ފަރާތެވެ. މީގެއިތުރުން، އެހެން މީހުން ބަލަހައްޓާ ކުދިންނަށް ދޭ އެހީގެ ދަފްތަރުން 22 ބެލެނިވެރިންނާއި 27 ކުދިން އުނިވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެން ބެލެނިވެރިންނެވެ.
އެންސްޕާއިން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޝަރުޠު ހަމަނުވާ ފަރާތްތަކާއި ދިރިއުޅުމުގެ ޙާލަތަށް ބަދަލު އަންނަ ފަރާތްތައް ދެނެގަނެ، ގަވާއިދުން ދަފްތަރު މުރާޖަޢާކުރަމުން ގެންދާނެ ކަމަށެވެ. މިއީ ސަރުކާރުން ފޯރުކޮށްދޭ އިޖުތިމާޢީ އެހީތެރިކަން އެންމެ އެކަށޭނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެކެވެ.