މުސްތަގުބަލުގެ ލީޑަރުންނަށް ވާން އަންހެން ކުދިންނަށް ފުރުސަތުތައް ފަހިކޯށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް މުއިއްޒު މިއަދު ވަނީ މުޅި ދުނިޔޭގައި ތިބި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ މުޖުތަމައާ އެކު ސާބިތުކަމާއެކު ދެމިތިބުމަށް ގޮވާލައްވައިފައެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން އަންހެން ކުދިންނަކީ މުސްތަގުބަލުގެ ގާބިލު ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ، އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ގާބިލިއްޔަތުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. މީގެ އިތުރުން، އެކުދިންނަކީ މުސްތަގުބަލުގެ ގާބިލު ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށާއި، ރައްކާތެރި އަދި އެހީތެރިކަން ލިބޭނެ މާހައުލެއްގައި ގައުމީ ތަރައްގީގައި މާނަހުރި ދައުރެއް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި، އާއިލާތަކާއި، މުޖުތަމައާއި، ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭހެން މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި އަންހެން ދަރިންގެ ކުރިމަގަށްޓަކައި ކުރާ އިންވެސްޓްމަންޓަކީ، އެންމެހައި ފަރާތްތަކަށް ހަމަހަމަކަމާއި، ފުދުންތެރިކަން ލިބިގެންވާ އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.