މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދަމުންދާ ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ތަނބުތައް ޖެހުމުގެ އިތުރުން ދަގަނޑު އެތުރުމާއި ޝަޓަރިންގެ މަސައްކަތްތައް ވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢަކީ ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެއެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް ނިމުމުން މި ސަރަޙައްދު ބޭނުންކުރާ ޢާންމުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ބަނދަރުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ. އަދި ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ. މިއީ ޚާއްޞަކޮށް ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ދާގީނާ އުފުލާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
މީގެއިތުރުން، މި ޖެޓީތައް ހެދުމުން ބަނދަރުން އިތުރު ޖާގަ ލިބި، އެއްފަހަރާ ގިނަ އުޅަނދުފަހަރަށް ކައިރިކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އޭގެ ސަބަބުން ދަތުރުތައް އަވަސްވެ، ބޯޓުފަހަރަށް އަރައިފޭބުމުގައި ދަތުރުވެރިންނަށް ރައްކާތެރިކަން ލިބިގެންދާނެއެވެ