މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިތުރު ދެ މީހަކު ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއެ އިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 286 އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ބަލިން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16،503 މީހަކަށް ވަނީ ވެކްސިން ޖަހައިދީފައެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ފެތުރޭ ނުރައްކާތެރި ބައްޔަކަށް ވާތީ، މި ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކުރެވިފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ވަނީ އަންގަވާފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ބައްދަލުވެފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ވެކްސިން ޖެހުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ ގޭގައި މަޑުކުރުމަށް އިރުޝާދު ދެއްވައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޑޮކްޓަރަށް ދެއްކުމަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.