ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ “އަދަދު” ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޗީފް ގަވަރމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި ސްޕޯކްސްޕާސަން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެސެޓް ޑެކްލަރޭޝަން (މާލީ ބަޔާން) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ބޭފުޅަކަށްވެސް ފަސޭހަކަމާއެކު ޕީޑީއެފް ފޯމެޓުގައި ޑައުންލޯޑް ކުރެވޭ ގޮތަށް މިހާރުވެސް އާންމުކޮށްފައިވާ މައުލޫމާތެއް ކަމަށެވެ. އަދި މި މައިލޫމާތު ވެބްސައިޓުގައި ލިބެން ހުންނާނެކަން މީގެ ކުރިން ރައީސް އޮފީހުން މީޑިއާތައް މެދުވެރިކޮށް އިއުލާނުކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އަމާޒުކޮށް ސިޔާސީ މަގްސަދެއްގައި “އަދަދު” ނޫހުން މެދުނުކެނޑި ބޮޑެތި ދޮގުތައް ފަތުރަމުންދާ ކަމަށް ސްޕޯކްސްޕާސަން ތުހުމަތު ކުރެއްވިއެވެ. އަދި މިފަދަ ދޮގު މައުލޫމާތުތައް ފާހަގަކޮށް، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.