ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭންކިންގ ހިދުމަތް ދިނުމާއި، ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ބަލައިފާސްކުރުމުގެ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން 4 ބިދޭސީއަކާއި ދިވެއްސަކު ބަލައިފާސްކޮށްފައިވާއިރު، ވިޔަފާރިކުރާ ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއްވެސް ވަނީ ފާސްކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި، މައްސަލައިގެ އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.