މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މި ސަރަޙައްދު ބޭނުންކުރާ ޢާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ބަނދަރުގެ ތޮއްޖެހުން ކުޑަވެގެންދާއިރު، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކުރަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށާއި، މިއީ ޚާއްޞަކޮށް ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން ލަގެޖް އުފުލާ ދަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މި ޖެޓީތައް ހެދުމުން ބަނދަރުން އިތުރު ޖާގަ ތަނަވަސްވެ، އެއްފަހަރާ ގިނަ ޢަދަދެއްގެ އުޅަނދުފަހަރަށް ޖެޓީއާ ގާތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފޭބުމުގައި ދަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީ އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.