މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26އ) އެވެ.
ފުލުހުން ވިދާޅުވީ، 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭއިން ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން މާލޭގެ ޓްރެފިކް ލައިޓް ކައިރިން އެ ސައިކަލު މަޑުކުރުމަށް އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ވެހިކަލުން އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެހި ވަނީ އެކްސިޑެންޓްވެފައެވެ. މި ހާދިސާގައި ފުލުހުންގެ ކާރަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓަށްފަހު އޭނާ ވަނީ ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައެވެ. ނަމަވެސް، މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މޫންލައިޓް ހިނގުމުން އޭނާ ވަނީ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި އަޙްމަދު ފާރިޒަކީ ތަކުރާރުކޮށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެކެވެ. އެގޮތުން 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޭނާ ނުދައްކައި އޮތް އިރު، ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމުގެ އިތުރުން ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމުގެ ގިނަ ރެކޯޑުތަކެއް އޭނާގެ އޮވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.