މުދައްރިސުންގެ އަގުވަޒަންކޮށް، އައު ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި، އިންސާނީ ޙަޔާތް ބައްޓަންކުރުމުގައި އެދުރުން ދައްކުވައިދެއްވާ ސާބިތުކަމާއި، އޯގާތެރިކަމުގެ އިތުރުން ކުރައްވާ ބުރަ މަސައްކަތްޕުޅުތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދަރިން ތަރުބިއްޔަތުކޮށް ހެޔޮ މަގަށް އިރުޝާދު ދިނުމުގައާއި، ބަދަހި އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވަނީ މުދައްރިސުންނެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ތަޢުލީމީ ދާއިރާއަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކާއެކު، އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އައު ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، މި ބަދަލުތަކާ ފުރިހަމަ އިތުބާރާއެކު ކުރިމަތިލުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ހުނަރުތައް ފޯރުކޮށްދީ، އެބޭފުޅުން ބާރުވެރިކުރުވުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް މެޑަމް ވިދާޅުވިއެވެ.
މިއަދުގެ މުނާސަބަތުގައި، ކޮންމެ މުދައްރިސަކުވެސް ދަރިވަރުންގެ ޙައްޤުގައި ދައްކަވާ ކެތްތެރިކަމާއި، ބަހައްޓަވާ އޯގާތެރިކަމުގެ އިތުރުން، ކުރައްވާ މިންނަތް މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ވަނީ ޝުކުރު ދަންނަވާފައެވެ.
ތިޔަބޭފުޅުން ކުރައްވާ މަތިވެރި ޚިދުމަތުގެ ހެޔޮ އަސަރަކީ ހަމައެކަނި ކްލާސްރޫމުގެ ހަތަރުފާރުގެ ތެރޭގައި ހިފެހެއްޓިފައިވާ ކަމެއް ނޫން އޭގެ ބަދަލުގައި، އެއީ މުޅި އުމުރަށް ދެމިގެންދާ އަގުހުރި ޚަޒާނާއެއް” ސާޖިދާ ވިދާޅުވިއެވެ.