މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
ކުރިމަގުގެ ޖީލުތައް ބައްޓަންކުރުމާއި، މުޖުތަމަޢު ބަދަހިކުރުމުގެ އިތުރުން ޤައުމު ބިނާކުރުމުގައި މުދައްރިސުން އަދާކުރައްވަނީ ނުހަނު މުހިންމު ދައުރެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ވަނީ، ޒުވާން ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގައި މުދައްރިސުން ފޯރުކޮށްދެއްވާ ޢިލްމާއި، ދެއްވާ އިރުޝާދުގެ އިތުރުން އެބޭފުޅުން ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ޙަޔާތް ކާމިޔާބުކުރުމަށާއި، މުޖުތަމަޢުގެ ކުރިއެރުމަށް މުދައްރިސުން ކުރައްވާ މަސައްކަތްތަކަށް އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުދައްރިސުންގެ ޢާންމު ދުޅަހެޔޮކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދިނުމާއެކު މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެންމެން ޝާމިލުވާ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ދިނުމުގައި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ހަމައެއާއެކު، ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ހުނަރުވެރިކަން ކުރިއެރުވުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް، މުދައްރިސުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.