މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، ހ. މީނާޒް، އަލްފާޟިލް ޝަމްޢޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޝަމްޢޫން ޙަމީދަށް އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. ހުވައިކުރެއްވުމަށްފަހު، މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަމްޢޫން ޙަމީދާ ޙަވާލުކުރައްވާފައެވެ.
އަލްފާޟިލް ޝަމްޢޫން ޙަމީދަކީ އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 އިން 2012 އަށް އެޗްއާރުސީއެމްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަޤާމާއި، 2012 އިން 2016 އަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
މީގެއިތުރުން، ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރް) ރިޕޯޓު ކުރުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމީ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ޤައުމީ ފެންވަރުގެ ދިރާސާތަކުގައިވެސް އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޝަމްޢޫން ޙަމީދު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.