ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި، ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ވިލާ ކޮލެޖުގެ “ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026” ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފުލާގައި ޝަރަފްވެރި އެވޯޑުތައް ޙާޞިލްކުރި ދަސްވެނީންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ތަހުނިޔާ ވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، ޤައުމާއި މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ޙައްލުކުރުމުގައި ދަސްވެނީންގެ އީޖާދީ ވިސްނުން އިސްކުރަން ޖެހިފައިވާ ކަމަށެވެ. އަދި މުޖުތަމަޢަށް ބޭނުންވެފައިވާ ކަންކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގައި ދަސްވެނީންގެ ދައުރު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި، އެ މަގަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ދަސްވެނީން މާދަމާ މަސައްކަތުގެ މާޙައުލަށް ނުކުމެ ކުރާ މަސައްކަތްތަކަކީ ޒިންމާދާރު، ހަލުވި އަދި އައު އީޖާދީ ވިސްނުންތަކެއް ގެނެސްދޭނެ މަސައްކަތްތަކަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި މުއައްސަސާތަކާ ދެމެދު އޮންނަ އިތުބާރު އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އެންމެހާ ރައްޔިތުންގެވެސް އުންމީދެއްކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާސިލުވުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމުގެ ދުރުރާސްތާ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާކަން ނައިބު ރައީސް ހަނދާންކޮށްދެއްވިއެވެ. އަދި މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، ޚާއްޞަގޮތެއްގައި ޒުވާނުންނާއި ދަސްވެނީން އިސްނަގައިގެން، އީޖާދީ ވިސްނުމާއެކު ބައިވެރިވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މި ޙަފުލާގައި، ވިލާ ކޮލެޖުގެ ޕޯސްޓް ގްރެޖްއޭޓް ޕްރޮގްރާމްތަކުން “ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް” ޙާޞިލްކުރި ދަސްވެނީންނަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.