މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް އެއްކޮށް ނިންމައި މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އަމީނީ މަގާއި، ޢިއްޒުއްދީން މަގު މަރާމާތުކުރުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން، ސެގްމަންޓް 1 ގެ ދަށުން ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އާއި ތާރު ނެގުމަށްފަހު، 794.62 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި އޭބީސީ އެޅުމަށްފަހު އަލުން ވަނީ ތާރުއަޅައި މަގުމަތީގެ ނިޝާންތައް ކުރަހައި ނިންމާފައެވެ. އަދި ސެގްމަންޓް 2 ގެ ދަށުން 133.64 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނަގައި، އޭބީސީ އެޅުމަށްފަހު އަލުން ތާރުއެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
މި ދެ ސެގްމަންޓްގެ މަސައްކަތް ނިމި، މަގު ހުޅުވާލުމާއެކު ދަތުރުފަތުރު ކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަސައްކަތް ކުރިއަށްގެންދާ ކުންފުނިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ދެން ހިމެނޭ ސެގްމަންޓްތަކުގެ މަސައްކަތްތައް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާނެއެވެ. އެގޮތުން:
- ސެގްމަންޓް 3: ޢިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ 924.77 އަކަމީޓަރުގެ ސަރަޙައްދުގައި، ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
- ސެގްމަންޓް 4: ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ 148.91 އަކަމީޓަރުގެ ސަރަޙައްދުގައި، ކުރީގެ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގެ މައި މަގުތަކުގެ ފެންވަރު ރަނގަޅުވެ، ޓްރެފިކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.