ރާއްޖޭގައި ކުރީން އޮތް ސިޔާސީ ހަލަބޮލިކަމަށް ނިމުން ގެނެސް، ޤައުމުގައި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ގައުމަށް ފުރިހަމަ އަދި ހަގީގީ ސިޔާސީ ހަމަޖެހުމެއް ހޯދައިދިނުން ކަމަށެވެ. އަދި އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ފެއްޓެވި މަސައްކަތުން، ވެރިކަމުގެ ތިންވަނަ އަހަރު ނިމެމުންދާއިރު، މީގެ ކުރިން ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި ނުތަނަވަސްކަން ނައްތާލައި، ސިޔާސީ މަސްރަހު ހަމައަކަށް އަޅުުއްވައިދެވިފައިވާ ކަމަށްވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާހިލީ ގޮތުން ގައުމެއްގައި މިނިވަންކަން ދެމިއޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ލިބިދީގެންނެވެ.
“ތިން އަހަރުވާން މި ދަނީ އެއްވެސް ސިޔާސީ ލީޑަރެއް ޖަލަކަށް ނުލަން. އެއްވެސް ސިޔާސީ ލީޑަރެއް ޖަލަކަށް ނުލަން. ސިޔާސީ ގޮތުން ބަދަލު ހިފުމުގެ އެއްވެސް ކަމެއް ނުކުރަން. މިހާރު އެއްވެސް ސިޔާސީ ލީޑަރަކަށް ނޯންނާނެ ބިރުވެރިކަމެއް އެ ބޭފުޅަކު ބޭނުންވާ ސިޔާސީ މަސައްކަތެއް ކުރުމުގައެއް. އަޅުގަނޑު ބޭނުންވީ މި ޤައުމަށް ހަމަޖެހުން ގެންނަން.”
މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހީންނަކީ މުސްލިމުންނަށް ވުމާއެކު، ވާހަކަދެއްކުމުގައްޔާއި، ސިޔާސީ ހަރަކާތްތަކުގައްޔާއި، އަދި ލިޔުންތައް ޝާއިއުކުރުމުގައިވެސް އިސްލާމީ އަދަބުތަކާއި ހިފަހައްޓަންޖެހޭ ވަކި ހަމަތަކެއް އޮންނާނެއެވެ. އަދި އެ މިންގަނޑުތަކުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިއަދުގެ ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ހަމަމިއާއެކު،ރައީސް ވިދާޅުވީ، އިންތިހާބު ނިމުމާއެކު އެއްވެސް ކަހަލަ ބައިބައިވުމަކަށް ޖާގަދީގެން ނުވާނެ ކަމަށާއި، އެންމެންވެސް ނިކުމެ މިތިބީ ވަރަށް މަތިވެރި އަދި މާތް މަގުސަދެއްގައި ކަމަށެވެ.އަދި ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ފެންނަމުންދަނީ ވަރަށް ރީތި ނަމޫނާއެއް ކަމަށާއި، އަދި ކޮންގްރެސްގެ ހުރިހާ ހަރަކާތްތަކުންވެސް ސް އެ ރީތި މިސާލު ދައްކައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ސިޔާސަތަކީ ގައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫހު ނައްތާލުމެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ސިޔާސީ ވާދަވެރިން ހައްޔަރުކުރުމާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅުމުގެ ސަބަބުން ގައުމުގައި ބޮޑެތި ހަލަބޮލިކަން އުފެދިފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެ ސަގާފަތް ބަދަލުކޮށް، ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ފަހިކޮށްދީފައެވެ.