ޕީއެންސީގެ އަދި ދިވެހި ހުރިހާ ރައްޔިތުން ވެސް ގައުމީ ޖޯޝުގަ، ގައުމީ ލޯބީގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިހެން ގޮވާލެއްވީ މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިގޮތަށް މަސައްކަތް ކުރަމުން ދާނަމަ ގައުމަށް ހަގީގީ މާނާގައި ތަރައްގީ ލިބިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހެން ފޯރީގައި ޕީއެންސީގެ މެންބަރުންވެސް މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.
ޒިންމާދާރު ސިޔާސީ މަސައްކަތްތަކެއް ވެސް ކުރެވޭނީ އެކަމުގައި ގައުމު އިސްކޮށްގެން ކަން އެމަނިކުފާނު ފަނީ ފާހަގަކުރައްވާފައެވެ.
” ސިޔާސީ މަސައްކަތުގެ މާނައަކީ އެއީ އެއްވެސް ހާލަތެއްގައި އޭގައި ނުރަގަނޅު ކަންތައްތަކެއް ނުވަތަ ބަލައި ނުގަނެވޭ ކަންތައްތަކެއް ހުންނަން ޖެހޭ ކަމެއް ނޫން.” އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މައިދާން ބަދަލުވަމުން އައި އިރު ޒުވާނުންގެ ތެރޭގައި މިފަދައިން ވިސްނިފަ އޮތުމުންނެވެ. މިކަން ބަދަލު ކުރަން ޖެހޭކަމަށާއި، މިކަން ބަދަލު ކުރެވޭނީ ގައުމު އިސްކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންވެ، ގައުމު އިސްކޮށްގެން ކުރާ ސިޔާސީ ހުރިހާ މަސައްކަތްތަކަކީ ސާފުތާހީރު މަސައްކަތްތަކަކަށް ވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލަމުން ޑިމޮކުރަސީގެ އަމަލީ ސިފަ ފެނިގެންދާނީ ގައުމުގައި ވެރިކަން ހިންގާ ގޮތުންނާއި، ހައްތައް ރައްކާތެރިކުރެވޭ މިންވަރުންނާއި، ރައްޔިތުންގެ އަޑު އަހާ ގޮތުންނާ، އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށް ވިދާޅުވެފައެވެ.