އަމާޒަކީ މި ކޮންގުރެސް މަޖިލީސް ނިމެންވާއިރަށް ޕީއެންސީގެ މެންބަރުންގެ އަދަދު 80،000 އަށް ވުރެ މަޗަށް އެރުން ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިހާރު ޕީއެންސީގެ މެންބަރުންގެ އަދަދު ހުރީ 79000 އަށްވުރެ އިތުރު އަދަދެއް ކަމަށް ފާހަގަކުރައްވާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ޕީއެންސީގައި ތިބީ 3000 އެއްހާ މެންބަރުން ކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ދެ އަހަރާއި ބައިގެ ތެރޭގައި މި އަދަދު 70،000 އަށް ވުރެ އިތުރުވުމަކީ އުފަލާއެކު ފާހަގަކުރަން ޖެހޭ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
“މި ކޮންގްރެސްގެ ކުރިއަށް އޮތް 3 ދުވަސް ނިމިގެން ދާއިރުގައި މި ޕާޓީގެ މެންބަރުންގެ އަދަދު 80،000 މެންބަރުންނަށްވުރެ މަތިވެގެންދާނެ” އޭނާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އޭނާ ވަނީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނި، އެ ޕާޓީއަކަށް ވަންނަނީ ކޮންމެ ވެސް ސަބަބެއް އޮވެގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުން ޕާޓީއަކަށް ވަންނަ އިރު، އެ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުމާއި، ފިިކުރާއި ހިޔާލާއި ގައުމުގެ މުސްތަގުބަލު ކަނޑައެޅުމަށްޓަކައި، އެ ޕާޓީއެއްގެ ލީޑަރޝިޕުން ކަނޑައަޅާ ކަންތައްތަކެއް މައްޗަށް ވިސްނާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕީއެންސީގެ ކޮންގުރެސް ޖަލްސާގައެވެ. މި ކޮންގުރެސްއަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގުރެސް ޖަލްސާއެވެ.