ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުރީފް ކުރައްވައިފިއެވެ.
އެމަނިކުފާނު ޕާޓީއަށް ތައުރީފު ކުރައްވާފަ ވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕީއެންސީގެ ކޮންގުރެސް ޖަލްސާގައެވެ. މި ކޮންގުރެސްއަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގުރެސް ޖަލްސާއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ޕާޓީގައި 3،000 މެމްބަރުން ތިބި އިރު މިހާރު މި އަދަދު 80،000 މެމްބަރުންނާއި ގާތްކޮށްފަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި ޕީއެންސީގެ ފަލްސަފާއަކީ ގައުމަށް ހަމަޖެހުން ގެނައުމާއި، ތަރައްގީ ގެނައުން އަދި ރައްކާތެރިކަން ގެނެސްދިނުމެވެ.
އެހެންވެ، ޕީއެންސީ އަކީ ގައުމު އިސްކޮށް ޕާޓީގެ ކުރިމަގަށް ވިސްނުމުގަ ލާމަސީލު މިސާލެއް ނެގޭނެ ޕާޓީ އެއްކަން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެންގެ ސިޔާސަތުގައި މިހުރި ހުރިހާ ކަމެއް، ސަރުކާރުން ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯއާއި ސަރުކާރުގެ ސިޔާސަތުތައް ގުޅިލާމެހެނީ މި ތިން ކަންތަކާއެކުގައި. ރައްޔިތުންނަށް ކަންކަން ކިޔައިދިނުމުގައި ނުވަތަ ސިޔާސަތުތައް އޮޅުންފިލުވައިދޭއިރު ވެސް ބުނެދޭންވީ އަޅުގަނޑުމެންގެ ފަލްސަފާއަކީ ގައުމަށް ހަމަޖެހުމާއި، ތަރައްގީއާއި ރައްކާތެރިކަން ގެނެސްދިނުންކަން. އަޅުގަނޑުމެންނަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް. އަޅުގަނޑުމެން އިސްކުރާނީ ގައުމުގެ މަސްލަހަތު، ވަކި މީހެއްގެ ޒާތީ މަސްލަހަތެއް އިހެއް ނުކުރާނަން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕީއެންސީގެ ކޮންމެ މެންބަރެއްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިހުލާސްތެރިކަމާއި ސާފު ނިޔަތަކާއެކު ގައުމަށް މި ލަނޑުދަނޑިތައް ހާސިލުކޮށްދިނުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ޕާޓީގެ ހުރިހާ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަން ވެސް ރައީސް ވަނީ ފާހަކަ ކުރައްވާފައެވެ.