ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދުތަކަށް ގެނެވުނު އިސްލާހުތައް ފާސްކޮށްފިއެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުތަކަށް ގެނެވުނު މި އިސްލާހުތައް ފާސްކޮށްފަ ވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕީއެންސީގެ ކޮންގުރެސް ޖަލްސާގައެވެ. ސާސީ ގަވާއިދު އެންޑޯސްކުރުމަށް ބޭއްވި ސެޝަނުގައި ބައިވެރިވެވަޑައިގެންނެވީ 1064 މަންދޫބުންނެވެ.
މި އިސްލާހުތަކަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެފައިވާ މިންވަރަަށް ބަލައި، ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވިއެވެ.
އެގޮތުން، ދީނީ އިލްމުވެރިންގެ މަޖިލިސް، އަންހެނުންގެ، ޒުވާނުންގެ އަދި އިސްރައްވެހިންގެ ހަރަކާތް ވަނީ އިތުރުކޮށްފައެވެ.
ޕާޓީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 15 ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އޭގެތެރޭގައި އިގްތިސާދީ، ގައުމީ ސަލާމަތް، ސިއްހީ، އިޖުތިމާއީ އަދި ސައިންސާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުގެ ކޮމިޓީތައް ހިމެނެއެވެ.
މީގެއިތުރުން ވެސް ޕާޓީގެ ރައީސުންނާ ނައިބުރައީސުންގެ ދައުރު، ކޮމިޓީ ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވެސް ވަރަށް ސާފުކޮން ބަޔާންކޮށްފަ ވާނެ ކަމަށް ޕީއެންސީގެ ސެކެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. މި އިސްލާހާއެކު ޕާޓީގެ ހިންގުން ހަރުދަނާވެ ތަފާތު ދާއިރާތަކުން ޕާޓީގެ މަސައްކަތް ފުޅާ ކުރެވޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މި ކޮންގުރެސްއަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގުރެސް ޖަލްސާއެވެ.