ރާއްޖެއާއި މެލޭޝިއާއާ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން މަޝްވަރާކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާއަށް ދިން ބަޔާނުގައެވެ.
އިގްތިސާދީ އަދި މާލީ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން، މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޯގްރާމް (އެމްޓީސީޕީ) އަދި ސްކޮލަރޝިޕްތައް މެދުވެރިކޮށް އެގައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއާއެކު، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށާއި، އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، އިމާރާތްކުރުމުގެ ދާއިރާ، އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މެލޭޝިއާގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލުމާ މެދު މަޝްވަރާ ކޮށްފަވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ހަލާލް އިންޑަސްޓްރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަނެފަ ވާކަމަށް ވަނީ ވިދާޅުވެފައެވެ.
ވިސާގެ ލުއިފަސޭހަތައް ހަމަޖެއްސުމާއި، ގުޅިގެން ދިރާސާ ކުރުމާއި، މެލޭޝިއާގައި އުޅޭ ދިވެހިންނަށް ކޮންސިއުލާ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެސް ވަނީ މި ޝުއޫރުތައް ތަކުރާރުކުރައްވައި، އެމަނިކުފާނަށް ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މެލޭޝިއާ ސަރުކާރުގެ ފަރާތުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ފޯރުކޮށްދިނުމަށާއި، މެލޭޝިއާގެ “ގްރެޖުއޭޓް ޕާސް ސްކީމް” ގައި ދިވެހިރާއްޖެ ހިމެނުމަށް ނިންމެވިކަން އިއުލާން ކުރައްވާފައެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ކުރަށްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ހަރުދަނާވެ، މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.