ދީނީ އަދި ދިފާއީ ކަންކަމުގައި އެއްބާރުލުން ދޭން މެލޭޝިއާއާއި ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފަ ވަނީ މިކަމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައެވެ.
މި އެއްބަސްވުމުގެ ދަށުން، ދިފާއީ ދާއިރާގެ އެކި އެކި ކަންކަމުގައި މުއާމަލާތްކުރުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮނިގަނޑެއް އެކުލަވާލެވޭނެއެވެ.
ދެވަނަ އަށް ސޮއިކުރައްވާފަވަނީ އިސްލާމްދީނުގެ ކަންކަމުގައި ދެގައުމުން އެއްބާރުލުން އިތުރުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމާއެކު އިސްލާމް ދީނުގެ ކަންކަމުގައި ދެގައުމުން އެކުގައި މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެއެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ވަނީ ބަޔާނެއް ދެއްވާފައެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ކުރަށްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ހަރުދަނާވެ، މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.