މީގެކުރީގެ ސަރުކާރުތަކުން ގާނޫނުތައް ފުރިހަމައަށް ތަންފީޒުނުކޮށް އޮތުމަކީ ގާނޫނުތަކާ ހިލާފުވެ މުގުރައިލުމަށް ލިބޭ ހުއްދައެއް ނޫން ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ޣައިރުޤާނޫނީ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 12 މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ޣައިރުގާނޫނީ ގޮތެއްގައި ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާކަން ތަހުގީގަށް ސާބިތުވެއްޖެނަމަ، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބިދޭސީން މި މަސައްކަތް ކުރަނީ ދިވެއްސެއްގެ ނަމުގައި ނުވަތަ ދިވެހި ބައެއްގެ އެހީތެރިކަމާއެކު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ކަމަށްވާނަމަ، އެކަމުގައި ބައިވެރިވާ ދިވެހި މީހާއަށްވެސް ޤާނޫނީ ގޮތުން ދޭންޖެހޭ އަދަބު ދޭނެ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.
“މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް ، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާ އެކު ނޫން.”
ބައެއް ކަންމަތީ ފިހާރަތަކަކީ ބިދޭސީން އިސްވެ ތިބެ ޑޮލަރު މާރުކުރުމުގެ ބޭނުމުގައި ހިންގަމުންދާ ތަންތަން ކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަންނަވަމުން ވިދާޅުވީ، މިފަދަ ގާނޫނާ ހިލާފު އަމަލުތައް ހިންގާ އެއްވެސް ފަރާތަކަށް ސަރުކާރުން އެއްވެސް ލުޔެއް ނުދޭނެ ކަމަށާއި، އެފަދަ ތަންތަނާ މެދުހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ބޮޑެތި އަދަދުތަކުން ޓީޓީ (ޓެލެގްރަފިކް ޓްރާންސްފާ) ހަދައިގެން ބޭރު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަވެސް ބަލަމުންދާ ކަމަށާއި، އެކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.