ސަރުކާރުން ކަޅު ބާޒާރު ބަންދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ޑޮލަރުގެ ރޭޓުތައް މިހާރު ކުރީގެ ހުރި މިންވަރަށް ތިރިވެފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަރުކަޒީ ބޭންކުގެ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކުން ހުއްޓުވުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު މިހާރު ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުރި މިންވަރަށް ތިރިވެފައެވެ.
“ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށްވުރެ ދަށަށް ގޮސްފަވަނީ. ކުރިން ނިމިދިޔަ ސަރުކަރުގައި ހުރި މިންވަތަށް އޭ ރޭޓާ ބޭންޑާ ހަމައަށް ޖެހިއްޖެ. މިއީ ކުރިއެރުމެއް.”
މީގެއިތުރުން، މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، ހާއްސަކޮށް 2023 ނޮވެމްބަރު 17 ވަނަ ދުވަހު ހުރި މިންވަރަށްވުރެ ޑޮލަރުގެ އަގު މިހާރު ދަށަށް ގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި މިހާރު ޑޮލަރުގެ އަގުތައް ހުރީ އެ ދުވަސްވަރުގެ ބޭންޑުގައި ކަމަށާއި، މިއީ އިގުތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 17 ރުފިޔާގައި ހުރި ނަމަވެސް، ފަހުން އަގު އުފުލި ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވަން ސަރުކާރުން ހާއްސަ ޓާސްކް ފޯހެއް އެކުލަވައިލިއިރު ޑޮލަރުގެ އަގު ހުރީ 23 ރުފިޔާއަށްވުރެ މައްޗަށެވެ.
ރައީސް ޑރ މުއިއްޒު އިސްލާހުތަކާއެކު ތަސްދީގުކުރެއްވި ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. މިދިޔަ މަހުގެ 31 ގައި ރައީސް ތަސްދީގުކުރެއްވި މި ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު ވަނީ 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް އުފުލާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1