ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން، އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާއެކު ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، “ޖާމިއުއްސުލްތާން މުހައްމަދު ބިން އަބްދުﷲ” އަދި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒާއި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑޮކްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. މީގެ އިތުރުން ސައޫދީ އަރަބިއްޔާގެ އަލްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު އަބްދުﷲ އަލްރާޖިހީއާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސައޫދީ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އަލީ ޒުހައިރުވެސް މި ބިންގާ އެޅުމުގެ ޝަރަފުވެރި ބައިވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.