ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައި، މުސްތަގުބަލުގައި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ހަތީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމީ ދަޢުވަތު ފެތުރުމުގެ މުހިންމު ޒިންމާއާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތައުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ކުދިން މި މަހާސިންތާގައި ބައިވެރިވުމަކީ ރާއްޖޭގެ އިސްލާމީ ރޫހަށް ލިބުނު ވަރަށް ބޮޑު ދިރުމެއް ކަމަށެވެ.
މީގެއިތުރުން، އިސްލާމްދީން ފެތުރުމާއި، ދިފާއުކުރުމާއި، އަދި ދީނުގެ އަސާސްތައް ގާއިމުކުރުމުގައި ޒުވާނުން އަދާކޮށްފައިވާ އަދި އަދާކުރަމުންދާ މުހިންމު ދައުރަކީ ރަން އަކުރުން ފަވައިލެވޭނެ ފަދަ މަތިވެރި ހިދުމަތްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ދީނީ ކަންކަން ކުރިއެރުވުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާތީ އެކަމާ އުފާކުރައްވާ ކަމަށާއި، އިސްލާމްދީނަކީ އިންސާނީ ކަރާމާތް ހިމާޔަތްކޮށް، މުޖުތަމައުގެ ސުލްހަމަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށް އައިސްފައިވާ ދީނެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޒުވާން ހަތީބުންގެ ދައުރު އަދާކުރާއިރު މި މުހިންމު އަސާސްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.