އިސްލާމީ ޝިއާރުތައް ދަމަހައްޓާނެ ހަރުދަނާ ޖީލެއް ބިނާކުރުމަށް ގެންގުޅުނު ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު، އެތައް ސަތޭކަ ދަރިވަރުންނެއް ޒުވާން ހަތީބުންގެ ގޮތުގައި މިހާރު ދާއިރާއަށް ނިކުމެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ބޮޑު އުންމަތުގެ މުހިންމު ބައެއް ކަމަށާއި، މި ގޮތުގައި ގައުމު ދެމިއޮންނާނީ އަންނަން އޮތް ކޮންމެ ޖީލެއްވެސް އިސްލާމީ ހަމަތަކުގެ މަތީގައި ތަރުބިއްޔަތު ކުރެވިގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ގަރުނެއްހާ ދުވަހުވެސް އިސްލާމީ ޝިއާރުތައް އާލާކުރާނެ ވަރުގަދަ ޖީލެއް ބިނާކުރުމަށް ވުޒާރާއިން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މީގެކުރިން ހުރި އިދާރީ ހުރަސްތައް ނައްތާލައި ސިޔާސަތުތަކަށް ގެނައި ބަދަލާއެކު، ޒުވާން ހަތީބުންނަށް ފުރުސަތު ހުޅުވާލެވި، އެތައް ސަތޭކަ ދަރިވަރުންނެއް މިހާރު މި ދާއިރާއާ ގުޅިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.