ދިވެހި ގައުމިއްޔަތާއި އަމިއްލަވަންތަކަން އޭގެ ހަގީގީ މަގާމަށް ރުޖޫއަކޮށް، އާލާކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. މި މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން، ދަރުމަވަންތަ ރަސްގެފާނު ރާއްޖޭގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ދުވަހަކީ ރާއްޖޭގެ ދިގު ތާރީހުގައި އެންމެ މުހިންމު އަދި ތާރީހު ބަދަލުކޮށްލި ވަގުތުކޮޅު ކަމުގައި ހީނާ ސިފަކުރެއްވިއެވެ. ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހު ރާއްޖެ އިސްލާމްވުމާ ގުޅިގެން އައި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ބަދަލާއެކު ދިވެހި މުޖުތަމަޢަށް ހެޔޮ އަސަރުތަކެއް ކޮށް، ނުރަނގަޅު އާދަތައް ނެތިގޮސް، ދިވެހިންގެ އަމިއްލަ އިސްލާމީ ސަގާފަތެއް ބިނާވެގެންދިޔަ ކަމަށެވެ.
“”ރާއްޖެ އިސްލާމްވުމަށްފަހު އަޅުގަނޑުމެންގެ ސަގާފަތަށް އައިސްފައިވާ ބަދަލުތަކަކީ، އަޅުގަނޑުމެންގެ އެކިއެކި އާސާރުތަކުން، ފެންނަން ހުރި ކަންކަން.ސާފުކޮށް ފެންނަން އޮތް އެންމެ ބޮޑު ހެއްކަކީ އަޅުގަނޑުމެން ވަނީ މިތަނުގައި އިސްލާމީ ހަޟާރާތެއް ބިނާކޮށްފައިވާ ކަން.”
ދިވެހި ގައުމިއްޔަތު އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލައްވާފައިވާއިރު، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ގައުމީ މަޝްރޫއެކެވެ. މިގޮތުން، ރާއްޖޭގެ ތާރީހާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށާއި، ދިވެހިންގެ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ދައުލަތުގެ ފެންވަރުގައި ގިނަ ދިރާސާތަކެއް ކުރުމާއި ޒުވާނުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް މިހާރުވެސް ފުޅާދާއިރާއެއްގައި ދަނީ ކުރަމުންނެވެ.