ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ޤައުމުގެ އެންމެ ވަރުގަދަ އައްޑަނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ ފަރުދީ، އިޖުތިމާއީ އަދި ގައުމީ ހަޔާތަށް އިސްލާމްދީނުގެ ސަބަބުން ލިބުނު ރައްކާތެރިކަމަކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މުހިންމު ހަގީގަތް ކަމަށެވެ. އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދީނުގެ ސަބަބުން ލިބުނު މި ރައްކާތެރިކަމަކީ ދިވެހި މުޖުތަމައު އަމާން އަދި އެކަކު އަނެކަކަށް އިތުބާރުކުރާ ބަޔަކަށް ބަދަލުވެގެންދިޔަ މައިގަނޑު އަސްލު ކަމަށެވެ.
މީގެއިތުރުން،ރައީސް ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗަކީ އާއިލާތަކާއި މުޅި މުޖުތަމަޢު ބާބާދުކޮށްލާ ބޮޑު ނުރައްކަލެކެވެ. އެހެންކަމުން ބުއްދި ސަލާމަތުން ބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ވަބާތަކުން ޤައުމު ރައްކާތެރިކުރެވޭނީ އިސްލާމީ ރިވެތި ތަރުބިއްޔަތުގައި ހިފަހައްޓައިގެންނެވެ. އަދި ވިސްނުންތެރި، މަސައްކަތްތެރި އަދި ހަރުދަނާ ޖީލެއް އުފެއްދުމަށްޓަކައި ހުރިހާ އެންމެން އެކުވެގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.