މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ކޮންޓްރޯލުން ނެއްޓުނު އުޅަނދެއް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ގެ ތަނބެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި، ބްރިޖްގެ މައި ސްޓްރަކްޗަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ ކަމަށް މިނިސްޓަރ ވޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދު الله މުއްތަލިބު ވިދާޅުވެއްޖެއެވެ.
އިންޖީނިއަރިންގް އެވާޑްސް ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ބްރިޖް އިމާރާތްކުރި ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީގެ އިންޖިނޭރުން ކުރި ހާއްަަސަ ސަރވޭތަކުން ބްރިޖްގެ ސަލާމަތީ ކަންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެކުންފުންޏާއެކު ވެފައިވާ ބެލެހެއްޓުމާއި މަރާމާތުކުރުމުގެ އެއްބަސްވުމުގެ ދަށުން، އެކަށީގެންވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ސީއެޗްއީސަި އިން މި މަރާމާތުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ހަމަމިއާއެކު، މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދެއްގެ ސަބަބުން ދެ ބްރިޖަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު ވަސީލަތްތަކަށް ނޭދެވޭ އަސަރުކޮށް މުޅި ވެރިރަށުގެ ދިރިއުޅުމަށް ބޮޑު ހުރަހެއް އެޅިދާނެ ކަމަށެވެ. މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތުން، ކޮންޓްރޯލުން ނެއްޓިގެން އޮޔާދާ އުޅަނދުފަހަރު ބްރިޖާ ހަމައަށް ދިއުމުގެ ކުރިން ހިފަހައްޓާލެވޭނެ ފަދަ ބާރުގަދަ ދެ ޓަގުބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން މިހާރު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ ޓަގުބޯޓުތައް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް އަލުން މުރާޖައާކޮށް، ކޯސްޓްގާޑާއި ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރާނެ ސާފު އިޖުރާއަތްތައް އެކުލަވާލައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ސަރަހައްދަށް ކުރި ގަދަ ވިއްސާރައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ނަގިލި ކަނޑައިގެން ގޮސް އޮޔާދިޔައީ ތެޔޮ ބޯޓަކާއި ޓަގުބޯޓެކެވެ. މި އުޅަނދުތައް ގޮސް ބްރިޖްގެ ތަނބެއްގައި ޖެހި ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފައެވެ.