ގެދޮރު އިމާރާތް ކުރުމަށް ބޭންކުތަކުން ދޫކުރާ ލޯނުތައް ފަސޭހައިން ލިބޭނެ އިންތިޒާމްތަކާއި ލޯނުގެ އިކުއިޓީ ޕޭމަންޓަށް އެހީތެރިވެދޭނެ ހާއްސަ ސިސްޓަމެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
ރައީސް މިފަދައިން ވިދާޅުވީ “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގެ ފަސްވަނަ އެޑިޝަންގައި، ގެދޮރު ބިނާކުރުމަށް ލޯނު ހޯދުމުގައި ހުރި އުނދަގޫތަކާ ބެހޭގޮތުން އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، އެއީ ސަރުކާރުން ހައްލުކުރުމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމެއް ކަމަށެވެ.ހާއްސަކޮށް، ބޭންކުތަކުން ލޯނު ނަގާއިރު އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ދަތިތައް ނައްތާލުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭންކު ލޯނުތަކަށް ބޭނުންވާ އިކުއިޓީ ފައިސާ ދެއްކުމުގައި އާންމުންނަށް އެހީތެރިވެދެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި އެއީ މިހާރު އެންމެ ގިނަ ރައްޔިތުން އެދެމުންދާ ކަންތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ސިސްޓަމެއް ބިނާކުރުމަށް ގިނަ އަދަދެއްގެ ފަންޑިންއާއި ވަގުތު ބޭނުންވާނެ ކަމަށެވެ.
ރާއްޖޭގައި ގެދޮރު ބިނާކުރުމަށާއި ފްލެޓްތަކަށް ފައިސާ ދެއްކުމަށް ބޭންކުތަކުން ލޯނު ނަގާއިރު، ޑައުންޕޭމަންޓް ނުވަތަ އިކުއިޓީގެ ގޮތުގައި ބޮޑު އަދަދެއް އަމިއްލައަށް ދައްކަންޖެހުމަކީ އާންމުންނަށް އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގެދޮރުވެރިކަމަށް ހާއްސަކޮށްގެން، 5 އިންސައްތައަށްވުރެ އިންޓްރެސްޓް މަތިނުވާނެހެން ހައުސިންގ ލޯނުތަކެއް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދެކެވެ.
“ރައްޔިތުންގެ އަޑު” ޕްރޮގްރާމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ޕްރޮގްރާމެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1