ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ސަރުކާރުން ދޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޮގަސްޓު މަހު އަލަށް 87 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އަލަށް އިތުރުވި މީހުންނާއެކު ޖުމްލަ 179 ކުއްޖަކަށް އަލަށް މި އެލަވަންސް ލިބޭނެއެވެ. މިއީ އެކަނިވެރި މައިންބަފައިންނަށް ދަރިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއް ދިނުމަށް ދައުލަތުން ފޯރުކޮށްދޭ އެހީއެކެވެ. އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުން އެހީ ދީފައިވާ އާއިލާތަކުގެ ތަފާސްހިސާބަށް ބަލާއިރު، ޖުމްލަ 3،357 ބެލެނިވެރިންނަށާއި 5،206 ކުއްޖަކަށް މި އެހީ ވަނީ ފޯރުކޮށްދީފައެވެ. އަދި މިދިޔަ މަހު އެކަނިވެސް މި އެލަވަންސްގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދުވެފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ކުރިމަތިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމަށްޓަކައި، ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ ކުއްޖަކަށް ދޭ އަދަދު މަހަކު 3,000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ގިނަ ކުދިން ތިބޭ އާއިލާތަކަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން 15,000 ރުފިޔާ ދޫކުރާއިރު، މި އެހީ ލިބެނީ 18 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ، ކައިވެންޏެއް ނުކޮށް ތިބި ފަރާތްތަކަށެވެ. އެންސްޕާއިން ދެ އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދޭ މި މާލީ އެހީތެރިކަމަށް ވަންގަވް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ.