ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ސަރުކާރުން ދޭ ހާއްސަ މާލީ އިނާޔަތުގެ ގޮތުގައި، މިދިޔަ މަހު 535 މީހަކަށް 1،070،000 (އެއް މިލިއަން ހަތްދިހަ ހާސް) ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
މިދިޔަ މަހު އެލަވަންސް ލިބުނު މީހުންގެ ތެރޭގައި، އަލަށް ރަޖިސްޓަރީވެގެން މުޅިން އަލަށް މި އެހީ ލިބެން ފެށި ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތެލަސީމިއާ ކުދިންނަށް ދޭ މާލީ އެހީތެރިކަން އިތުރުކޮށް، މަހަކު 2,000 ރުފިޔާގެ ހާއްސަ އެލަވަންސެއް ދޭން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ. މިއީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި ބަލިމީހުންގެ ބޭސްފަރުވާއާއި، ދިރިއުޅުމުގެ ޚަރަދުތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ސިޔާސަތެކެވެ. މީގެ ކުރިން މިފަދަ ކުދިންނަށް ދެމުން އައީ މަހަކު 1،000 ރުފިޔާގެ އެލަވަންސެކެވެ. މި އެލަވަންސް ލިބެނީ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ރަޖިސްޓަރީވެ، އެންސްޕާގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
މީގެއިތުރުން، ސަރުކާރުގެ ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ އެންސްޕާއަށް ޖަމާކޮށް، ކޮންމެ އަހަރަކުވެސް ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިން ރާއްޖޭއިން ބޭރަށް ފޮނުވައިގެން ހިލޭ ބޯންމެރޯ ހެދުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.ހަމަމިއާއެކު، ހުޅުމާލޭ އޮރެންޖް ހިޔާގައި މޯލްޑިވްސް ބްލަޑް ސާވިސަސްގެ އާ ސެންޓަރެއް ގާއިމްކޮށް، ޚިދުމަތްތައް ވަނީ ކުރިއަށްވުރެ ޒަމާނީކޮށްފައެވެ. އަދި ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ރާވާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1