މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އަލަށް 7 އެއާލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި, މި އެއާލައިންތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ މާރިޗު، އޭޕްރިލް، މެއި އަދި ޖޫން މަހާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކާ އެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބައެއް މަސްމަހު ބަދަލުތަކެއް އައި ނަމަވެސް، އަލަށް ފަށާ އެއާލައިންތަކާ އެކު މި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ރާއްޖެއިން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށާއި، އޭގެ ހެޔޮ ބަދަލު އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ފެށިފައިވާ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް، އަލަށް 7 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“ރަޝިޔާ، ބަލްގޭރިއާ، ވިއެޓްނާ، އަރްމޭނިއާ، އިތިއޯޕިއަންސް އެއަރލައިން، ފްރާސް، ކުވައިތް އެއަރއިންވެސް ފްލައިޓްތައް ބާއްވާނެ. ބައެއް އެއަރލައިންތަކުން އެޑިޝަނަލް ފްލައިޓްތައް ބާއްވާނެ.”
ރާއްޖޭގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 2.5 މިލިއަން ފަތުރުވެރިން ގެނައުން ކަމަށްވާއިރު، މިހާތަނަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އިޤްތިސާދީ ދުވެލި ހަލުވިކުރުމަށްޓަކައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މީގެ ކުރިން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކި ފަހަރުމަތިން ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ބޮޑު މަޝްރޫއާއެކު، ދުނިޔޭގެ މަޝްހޫރު އެއާލައިންތަކަށް ފުރުސަތު ހުޅުވާލައި، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ.