ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހަމަޖެހިފައިވާ އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށާއި، މި މަޝްރޫއުގައި ބޭރުގެ އެއްވެސް ބައިވެރިއަކަށް ޚާއްސަ އިސްކަމެއް ނުވަތަ މަންފާއެއް ދީފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ، މި މަޝްރޫއަކީ ހަމައެކަނި ރާއްޖޭގެ ދިގުމުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ހަވާލުކުރެވިފައިވާ މަޝްރޫއެއް ކަމަށާއި، މީޑިއާތަކުގައި ވަކި ގައުމަކަށް ބުރަވެ ސަރުކާރުން އަމަލުކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
މީގެއިތުރުން މިނިސްޓްރީއިން ބުނީ، ބަނދަރު ތަރައްގީކުރުމާއި، މިލްކުވެރިކަމާއި، އަދި ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
“ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫނެވެ. އަދި ގާނޫނާއި ގައުމީ މަސްލަހަތު ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ އެއްވެސް ހައްގެއް ނުވަތަ ދައުވާއެއް މާޒީގެ ނުވަތަ މިހާރުގެވެސް އެއްވެސް ބައިވެރިއަކަށް ނޯންނާނެ”
މިކަމާ ގުޅިގެން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަފުށީ ބަނދަރަކީ ދިވެހި ރައްޔިތުންނަށާއި ގައުމުގެ ދިގުމުއްދަތުގެ ފާގަތިކަމަށްޓަކައި ހިދުމަތްކުރާނެ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއު ހަވާލުކުރެވުނީ ސަރުކާރުގެ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށްވުމާއެކު، މިއީ ރާއްޖެއިން އަބަދުވެސް އިހުތިރާމްކުރާ އަދި ގުޅުން ބަދަހިކުރާ އެއްވެސް ބައިވެރިއަކާ މެދު ނެގެވޭ ނުރަނގަޅު މާނައަކަށް ވެގެންނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީއިން ބުނީ ސަރުކާރުގެ “ދިވެހިރާއްޖެ އިސްކުރުން” (މޯލްޑިވްސް-ފަސްޓް) ހާރިޖީ ސިޔާސަތަކީ އަބަދުވެސް ދިވެހިރާއްޖޭގެ ސިޔާދަތާއި ގައުމީ މަސްލަހަތު ކުރިއެރުވުމާއެކު، ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކުވެސް ބިނާކުރަނިވި ގުޅުމެއް ދެމެހެއްޓުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މާލޭގެ މައި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ ފެބުރުއަރީ މަހު ވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިލަފުށީ ބަނދަރުގެ މަސައްކަތް ނިންމައި، ރާއްޖޭގެ އިގްތިސާދީ ފާގަތިކަމަށްޓަކައި ޒަމާނީ ފެންވަރުގެ ވިޔަފާރި ހަބެއް އެތަނުގައި ގާއިމުކުރުމެވެ.